ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން "ވިކްޓްރީ ރަން"، ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ
03 ނޮވެމްބަރ 2017 19:54

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނަޞްރުގެ ދުވަހުގެ ދުވުން މާދަމާ ހެނދުނު 6 ޖަހާއިރު، މާލޭގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދުވުން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށިން އުތުރަށްގޮސް، އަމީނީމަގުން ހުޅަނގަށް އަޅައި، ބޮޑުތަކުރުފާނުމަގުން އުތުރަށްގޮސް، މަޖީދީމަގުން އިރަށް، ކަނބާއައިސާރަނި ހިނގުމުން އުތުރަށްގޮސް، ބޮޑުތަކުރުފާނުމަގުން އިރަށްގޮސް މާލެ ވަށައި ދުވުމަށްފަހު، މާފަތްތަކުރުފާނު ހިނގުމުން އުތުރަށްގޮސް، އަމީނީމަގުން ހުޅަނގަށް އައިސް ކަޅުތުއްކަލާކޮށްޓަށް ނިންމާ ގޮތަށެވެ.

"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.