ދެކުނުގެ ބައެއް އަތޮޅުތަކަށް ވާރޭވެހި ފެންބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
06 ނޮވެމްބަރ 2017 12:09

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ވިއްސާރައިގައި އައްޑޫ ސިޓީގެ ހަ ގެއަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވަމުންދާތީ، ވެލިބަސްދާ ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ވިއްސާރައިގައި ފުވައްމުލަކުގައި ފެންބޮޑުވެފައިވާ މާލެ ގަމް އަދި ހޯދަޑު އަވަށުގެ ކާނުތައް ކަނޑައި ފެން ބޭރު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން މިހާރު ދަނީ ކުރަމުންނެވެ. ސިފައިން ކުރަމުން މިދާ މަސައްކަތުގައި އެމްއާރުޑީސީ އާއި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން، ގދ. ތިނަދުއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫގެ ކައުންސިލް އިދާރާއަށް ފެންވަންނަމުންދާތީ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި ގދ. ކޫއްޑޫ ޕޯސްޓުގެ ސިފައިން އަންނަނީ ޕަމްޕް ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.