ށ.އަތޮޅު ފެރީ ހުއްޓިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެ
12 ނޮވެމްބަރ 2017 15:18

ށ.އަތޮޅު ފެރީގެ ޝާފްޓް ބިންދައިގެންގޮސް، އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 13:50 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.  މިހާދިސާ ހިނގި ސަރަޙައްދަށް އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ގޮސް، އޭގައި ތިބި މީހުން ނަގައިގެން، މިއަދު މެންދުރުފަހު 14:15 ހާއިރު ވަނީ ހދ.ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.

"ހިރުނދުމާ" ނަމަކަށް ކިޔާ ފެރީ ހުއްޓުނު ހާދިސާ ހިނގާފައިވަނީ، ހދ.ކުމުންދޫ ކައިރީގައި އޮއްވައެވެ. ހާދިސާ ހިނގިއިރު، އޭގައި 22 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު އަންހެނުންނާއި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. މިއެންމެންގެ ހާލުވެސް ރަނގަޅެވެ.