ރާއްޖޭގެ އިޤްތިސޯދީ ސަރަހައްދުން ފެނުނު ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
28 ނޮވެމްބަރ 2017 11:51

ރާއްޖޭގެ އިޤްތިސޯދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިއަދު އިރުއޮއްސުނު ވަގުތު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި މި ދެ މަސް ބޯޓަކީ ސްރީލަންކާގެ ދެ މަސްބޯޓެވެ. ދިގުމިިނުގައި 13 މީޓަރު ހުރި މި ދެ މަސް ބޯޓުގައި، ކޮންމެ ބޯޓެއްގައި ފަސް މީހުން ތިއްބެވެ.

މި ދެބޯޓު ފެނިފައިވަނީ ވ.އަތޮޅުގެ އިރުން މަސްވެރިކަން ކުރަމުންދަނިކޮށް، އެސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދަކަށެވެ.

މި ދެ މަސް ބޯޓު މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ. އަދި މި ދެ ބޯޓު ރާއްޖޭގެ އިޤްތިސޯދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ މައްސަލަ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަންނަނީ ތަހުޤީޤުކުރަމުންނެވެ.