ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ދަންނަވަން
30 ނޮވެމްބަރ 2017 09:19

ސްރީލަންކާގެ ހުޅަނގުގައި އުފެދެމުންދާ ޓްރޮޕިކަލް ޑިޕްރެޝަން މިހާރު ޓްރޮޕިކަލް ސްޓޯމެއްގެ ދަރަޖައަށް ބޮޑުވަމުންދާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކުރައްވާފައިވާތީ،  ދަތުރުވެރިންނާއި އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަމެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދިވެހިރާއްޖޭގެ ސަރަހައްދަށް ގަދައަށް ވާރޭވެހި ވައި ބާރުވާނެކަމަށް ލަފާކުރެވޭތީއާއި މިހާރުވެސް ރާއްޖޭގެ ސަރަހައްދުގައި ދަތުރުފަތުރު ކުރަމުންދާ އުޅަނދުފަހަރު ފަރަށްއެރުމާއި އަޑިއަށް ދިއުމާއި އަދި ލައްވުމުގެ ތަފާތު ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. މިފަދަ ހާދިސާތަކަށް ދޭން ޖެހޭ އެހީތެރިކަން ދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ވެސް ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ މޫސުން ގޯސް، ކަނޑުގަދަ، ވައިބާރު ވަގުތުތަކުގައި ދަތުރުފަތުރު ނުކުރުމަށް އިލްތިމާސް ކުރަމެވެ. އަދި ހަމައެއާއެކު ރަށްރަށުގެ ފަޅުފަޅާއި އަދި ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމެވެ. އަދި ފަޅުގައި އަޅާފައިވާ އުޅަނދު ފަހަރު ކަހާލައި އިތުރު ގެއްލުމެއް ލިބިދާނެކަމަށްޓަކައި ސަލާމަތީ ފިޔަވަޅު އެޅުމަށް ސަމާލުކަން ދެއްވުމަށް ވެސް އަންގަމެވެ.

މީގެ އިތުރުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ވިއްސާރަވެ ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގޯތި ގެދޮރަށާއި ހިފާ ގެންގުޅޭ ސާމާނަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވެސް އިލްތިމާސްކުރަމެވެ.

ކަނޑުދަތުރު ކުރައްވާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އިލްތިމާސް ކުރަމެވެ.