ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
14 ފެބްރުއަރީ 2018 19:08

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ފަތިހު 04:30 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ.

މި ޑިސްޓިރިބިއުޝަން ފޮށީގައި ރޯވެފައިވާ އަލިފާން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ނިއްވާލާފައި ވަނީ ފަތިހު 04:40 ހާއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ސްޓޭޝަންގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މިހާދިސާގައި އަނދާފައި ވަނީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއްކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައި ވެއެވެ. މިހާތަނަށް ބެލި ބެލުމުން، މިހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވެއެވެ. މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ ތަޙުޤީގު ކުރަމުންނެވެ.