ކުނި ހިފައިގެން ތިލަފުއްޓަށް ދަތުކުރަމުން ދިޔަ ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
16 ފެބްރުއަރީ 2018 03:27

ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.  

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މިއަދު 11:15 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް އެކޯ 9 ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ރ.އަތޮޅު ރީތި ފަރު ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި އެމް 2 ނަމަކަށް ކިޔާ 85 ފޫޓްގެ ދޯންޏެއްގައެވެ. މި ދޯނިން 3 ދިވެހީންނާއި ބިދޭސީއަކާއެކު ޖުމްލަ 4 މީހުން ދަތުރުކުރިއެވެ.

މިހާދިސާ ހިނގުމާއެކު އެދޯނިން ދަތުރުކުރި 4 މީހުން ވަނީ މޫދަށް ފުންމާލައިގެން ގޮސް އެސަރަހައްދުން ދަތުރުކުރި އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ދޯންޏަކަށް އަރާފައެވެ. މިހާދިސާގައި ދޯނިން ދަތުރުކުރި މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން މިއަދު މެންދުރު 14:05 ހާއިރު ވަނީ ނިއްވާލާފައެވެ. މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙްޤީގު ކުރަމުންނެވެ.