ކ. ބޮލިފުށި އައިލެންޑް ކައިރިއަށް ޓަގުބޯޓެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓްގަޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
09 މާރޗް 2018 17:24

ކ. ބޮލިފުށި އައިލެންޑް ކައިރިއަށް ޓަގުބޯޓެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގަޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 15:00 ހާއިރުއެވެ. "ލިއޯ ކޮމާންޑަރ" ނަމަކަށް ކިޔާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މި ޓަގުބޯޓު ބަންޑުން ޖަހާލާފައިވަނީ ބާޖެއް ކަފުޖަހައިގެން ބޮލިފުށި ކައިރީ އޮތް ފަޅަކަށް ވަނުމުގެ ތެރޭގަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޓަގުބޯޓު ބަންޑުން ޖަހާލި ވަގުތު ބޯޓުގައި ހަތް މީހުން ތިއްބެވެ. އޭގެތެރޭގައި  ހަތަރު ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ. މި ހަތް މީހުންގެތެރެއިން އަނިޔާވެގެން ބިދޭސީއެއް ވަނީ މާލެ ގެނެސްފައެވެ. ބާކީ ތިބި ހަ މީހުންވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ޓަގުބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް، ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއި އެކު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.