ޓަގު ބޯޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
27 ނޮވެމްބަރ 2018 20:05

އޭޑީކޭ ކޮމްޕެނީގެ "ރާދަފަތި" ނަމަކަށް ކިޔާ ޓަގް ބޯޓުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ނިއްވާލައިފިއެވެ.

ދޫނިދޫ ބޭރުގައި އޮތް މި ޓަގު ބޯޓުގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މިއަދު ހަވީރު 16:55 ހާއިރު ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައި ވަނީ އިރުއޮއްސި 18:00 ހާއިރުއެވެ. މި އަލިފާން ކޮންޓްރޯލްކުރުމަށްޓަކައި ފަޔަރ ފައިޓަރުން ވަނީ ފެނާއި ފޯމް ބޭނުންކޮށްފައެވެ.

މިހާދިސާގައި ރޯވެފައިވަނީ ޓަގްބޯޓްގެ އިންޖީން ރޫމްގެ ދުން ބޭރުކުރަން ހަދާފައިވާ ޓަނަލް ތެރޭގައެވެ. އަލިފާނުގެ ސަބަބުން އެ ޓަނަލްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެއްނުވެއެވެ. އަދި މިހާދިސާ ހިނގިއިރު ބޯޓުގައި 15,000 ލީޓަރުގެ ޑީސަލް ހުރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ވަނީ ލިބިފައެވެ.

މިހާދިސާ ހިނގިއިރު މި ޓަގު ބޯޓުގައި ބިދޭސީއަކާއި ފަސް ދިވެހިން ތިއްބެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.