ޤައުމީ ކެޑޭޓް ކޭމްޕް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ގިރިފުއްޓަށް ޒިޔާރަތްކުރައްވައިފި
01 ޑިސެމްބަރ 2018 19:01

20 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކުރިއަށްދޯގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާ އެމްއެންސީސީގެ ސީނިއަރ ބޭކަލުންނެވެ.

މި ޒިޔާރަތުގައި އެމަނިކުފާނަށް ކެޑޭޓް ކޭމްޕް ކުރިއަށްދާ ގޮތުގެ ބްރީފިންގ އެއް ވަނީ އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ ކެޑޭޓުންގެ އަމަލީ ތަމްރީންތައް ކުރިއަށްދާގޮތް ބެއްލެވުމުގެ އިތުރުން ކޭމްޕްގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތްތައް ބައްލަވާލައްވާފައެވެ. އަދި ގިރިފުށި ޓްރޭނިންގ ސެންޓަރުގެ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރައްވާފައިވެއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޤައުމީ ކެޑޭޓް ކޭމްޕުގެ ހުރިހާ ބައިވެރިންނާ މުޙާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

2018 ނޮވެމްބަރު 27 ން 2018 ޑިސެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދެވޭ ޤައުމީ ކެޑޭޓް ކޭމްޕަކީ އެމްއެންޑީއެފް އާއި އެމްއެންސީސީ ގުޅިގެން ހިންގާ ކޭމްޕެކެވެ.