އެމްއެންޑީއެފް މާލެ އޭރިއާއިން ވ. ކެޔޮދޫގައި ހިންގި ކޮމިއުނިޓީ އެންހާންސްމެންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
01 މާރޗް 2019 23:41

އެމްއެންޑީއެފް މާލެ އޭރިއާއިން ވ. ކެޔޮދޫގައި 2019 ޖެނުވަރީ 29 ވަނަ ދުވަހުން 2019 ފެބުރުވަރީ 28 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ކޮމިއުނިޓީ އެންހާންސްމެންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ވ. ކެޔޮދޫގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި "މޫދު ކަސްރަތުން ދުޅަހެޔޮކަން" ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމުގެ އިތުރުން ވަނަވަނަޔަށް ދިޔަ ފަރާތްތަކަށް އިނާމް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވ. ކެޔޮދޫ ކޮމިއުނިޓީ އެންހާންސްމެންޓް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ވ.ކެޔޮދޫގައި އެމްއެންޑީއެފް މާލެ އޭރިއާއިން ހިންގި މި ޕްރޮގްރާމަކީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ހިންގިފައިވާ ޕްރޮގްރާމެކެވެ. މިގޮތުން ފުރަތަމަ ހިންގާފައިވަނީ ވ.ކެޔޮދޫ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ސްކޫލް ކުދިން ފަތަން ދަސްކޮށްދިނުމަށް ކަނޑައެޅިފައިވާ މިންގަނޑަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ 3 ހަފްތާގެ މުއްދަތަށެވެ. މިއަދުގެ ރަސްމިއްޔާތުގައި މި ޕްރޮގްރާމްގައި ބައިވެރިވި ސްކޫލް ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ މާލެ އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފެވެ.

މީގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަރ ވަނީ ކޮމިއުނިޓީ އެންހޭންސްމެންޓް ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މުދައްރިބުންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ. މި ރަސްމިއްޔާތުގައި މާލެ އޭރިއާ ކޮމާންޑަރ މި ޕްރޮގްރާމްގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.

ދެވަނައަށް ހިންގާފައިވަނީ "މޫދު ކަސްރަތުން ދުޅަހެޔޮކަން" މި ނަމުގައި 4 ހަފްތާއަށް ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.

ތިން ވަނައަށް ހިންގާފައިވަނީ ސްކޫލް ޓީޗަރުންނަށާއި ގްރޭޑް 8 ން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަސްޓްއެއިޑް އެވެއަރނެސް ސެޝަނެކެވެ. މި ސެޝަނަކީ 1 ދުވަހަށް ހިންގުނު ސެޝަނެކެވެ.

އަދި ހަތަރުވަނައަށް ހިންގާފައިވަނީ ސީޕީއާރު އޭއީޑީ ރިފްރެޝަރ ކްލާހެކެވެ. މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ ރަށުގެ 7 ފަރާތަކުންނެވެ. މި ރަސްމިއްޔާތުގައި މި ފަރާތްތަކަށް ކާރޑް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ.

ވ.ކެޔޮދޫގައި ބޭއްވި ކޮމިއުނިޓީ އެންހޭންސް މަންޓް ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފް އާ އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލްގެ ކޮމާންޑިން އޮފިސަރ ކާނަލް ޑރ. ޢަލީ ޝާހިދުގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ބައެއް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ސްކޫލް ކުދިންނާ ޓީޗަރުން އަދި ވ. ކެޔޮދޫގެ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.