ގިރިފުށީ ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް ވަޒަނެއް އެރިކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން އެކަން ބަލަން ފަށައިފި
06 ނޮވެމްބަރ 2019 16:44

ކ.ގިރިފުށީ ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް ރިކޮސިޓް (ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ) ވަޒަނެއް އެރިކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން އެކަން ބަލަން ފަށައިފިއެވެ.

ގިރިފުށީގައި ޤާއިމްކުރެވިފައިވާ ފަޔަރިންގ ރޭންޖުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ސިފައިން ލައިވް ފަޔަރިންގ ފަރިތަކުރުންތަކެއް މިއަދު ކުރިއަށްގެންދެވިފައިވެއެވެ. އަދި، މި ފަރިތަކުރުންތައް ކުރިއަށްގެންދަނިކޮށް، ގިރިފުށީ ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް ރިކޮސިޓް (ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ) ވަޒަނެއް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ އުޅަނދެއްގައި އެ ސަފާރީ ކައިރިއަށް ސިފައިން ވަނީ ގޮސްފައެވެ. އަދި ސިފައިން ގޮސް ބެލިއިރު، އެ ރިކޮސިޓް ވަޒަން ދަތުރުކޮށްފައިވަނީ އެމީހާގެ ކަރުގެ ބޭރުން ހަންގަނޑު މަތިން ކޭތިލާފައެވެ. އެހެންކަމުން، އެމީހާއަށް އިތުރު ފަރުވާ ދިނުމަށް ޓަކައި، ސީއެމްބިޔުލާންސްގައި ހުޅުމާލެއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި، އެމީހާގެ ހާލު ރަނގަޅެވެ.

މި މައްސަލަ އެމްއެންޑީއެފުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.


Video : 4th Indian Ocean Conference...