
ރައްޔިތުންނަށް ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، މާލޭސިޓީ މަޖީދީމަގުގައި އިތުރު ފަޔަރ ހައިޑްރަންޓް ސިސްޓަމްތައް ބަހައްޓަން ފަށައިފިއެވެ.
އަލިފާން ނިއްވުމަށް ފެން ފޯރުކޮށްދިނުމަށް މަޖީދީމަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މިގޮތުން، މަޖީދީމަގުގައި ޖުމުލަ 12 ހައިޓްރަންޓް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާތަނަށް ތިން ހައިޑްރަންޓް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިގޮތުން، މަޖީދީމަގުގެ މާފަންނު މަދަރުސާ ކައިރީގައާއި، މާފަންނު ސަހަރާ ކައިރީގައި އަދި ޝާރިއުވަރުދީ ކައިރިން މަޖީދީމަގުގައި ހައިޑްރަންޓްތައް ހަރުކޮށް ވަނީ ނިމިފައެވެ. އަދި، އަސަރީގޯޅި ކައިރިން މަޖީދީމަގުގައި ހަތަރުވަނަ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރެވެމުންނެވެ.
މި މަސައްކަތް އަމަލީ ގޮތުން ކުރަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ. މި ޕްރޮޖެކްޓްގައި މަސައްކަތަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމާއި މަސައްކަތަށް ފަސޭހަކުރުމަށް ފެން ހިއްކަންޖެހޭ ހާލަތްތަކުގައި ފެން ހިއްކުމާއި ސައިޓް ސްޕަވައިޒްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންނެވެ. މިމަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ 2021 ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެއެވެ.