ތޫފާން "އޯޗީ" ގައި ގެއްލުނު މަސް ބޯޓު ތައް ހޯދުމުގައި ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އެހީތެރިކަމަށް އެދެން
11 ޖެނުއަރީ 2018 21:45

ތޫފާން "އޯޗީ" ގައި ގެއްލުނު އިންޑިއާ އާއި ސްރީލަންކާގެ މަސް ބޯޓު ތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގައި ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އެހީތެރިކަމަށް އެދެމެވެ.

މިދިޔަ އަހަރު ފަހުކޮޅު މިސަރަޙައްދުގައި އުފެދުނު ތޫފާނު ''އޮޗީ''ގެ ސަބަބުން ސްރީލަންކާ އާއި އިންޑިއާގެ ވަރަށް ގިނަ މަސްވެރިން ތަކެއް ގެއްލިފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ. އަދި ގެއްލުނު އުޅަނދުތަކާއި މީހުން ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ އަދި ދިވެހި ސަރުކާރު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ސްރީލަންކާ އާއި އިންޑިއާގެ މަސްވެރިންނަށް މި ދިމާވި ހިތާމަވެރި ހާދިސާގައި މި އުޅަނދުތަކާއި މީހުން ހޯދުމަށްޓަކައި ރާއްޖޭގެ އުތުރާ، އިރުމަތި އަދި އިރުއުތުރާ، ހުޅަނގުއުތުރަށް ދަތުރުކުރައްވާ އުޅަނދުތަކާއި މަސްވެރި އުޅަނދުތަކުން ސަމާލުކަން ދިނުމަށް އެދެމެވެ.

މިގޮތުން މަސްވެރި އުޅަނދުތައް ކުރާ ދަތުރުތަކުގައި ޚާއްޞަ ސަމާލުކަމެއް ދެއްވާ، އެއްވެސް އުޅަނދެއް އަޑިއަށް ގޮސްގެންނާއި އަދި މިފަދަ އުޅަނދެއްގެ އެއްވެސް ބައެއް އޮޔާ ދަތުރުކުރާތަން ފެނިއްޖެ ނަމަ އެފެނުނު ޕޮޒިޝަނަކާއި ފެނުނު އެއްޗެއްގެ މަޢުލޫމާތު ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭގުޅޭ ނަމްބަރ 191 އަށް ގުޅުއްވާ މަޢުލޫމާތު ދެއްވުން އެދެމެވެ.

އަދި އިންސާނިއްޔަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި މިހާތަނައްވެސް ދިވެހި ރައްޔިތުންނާއި ޚާއްޞަކޮށް ދިވެހި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ.