ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ އިތުރު މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
12 ޖެނުއަރީ 2018 19:16

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ އިތުރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

"ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މި ބޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައި ވަނީ ރޭ 20:50 ހާއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން، އދ. މާމިގިލީ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުންނެވެ. މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި  ތިއްބެއެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ވެސް ހުއްޓެވެ.

މި ބޯޓް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަށް ވަދެފައި ވަނީ ތެލާއި ކާބޯތަކެތި ބޭނުންވާ ކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގައި ދަންނަވައި، ހުއްދަ ދިނުމުގެ ކުރިންނެވެ. އެހެންކަމުން ބޯޓުގެ ޢަމަލުތައް ހުރިގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު މިބޯޓް ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިބޯޓް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ. މި ބޯޓް މާލެ ގެނެވޭނެ ކަމަށް ލަފާ ކުރެވެނީ މިއަދު މެންދުރުފަހު 03:00 ހާއިރުއެވެ.