ސިފައިންގެ ވަޒީފާއަށް 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެ
13 ޖެނުއަރީ 2018 11:46

ސިފައިންގެ ލަޝްކަރުގެ ޚިދުމަތަށް އިތުރު 100 މީހުން އަލަށް ވެއްދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވީ، 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް މިއަދު ގިރިފުށީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސިފައިންގެ ހިތްތަށް ޖަރީވެފައިވަނީ ނިޔަނެތިކަމާއި، ކިޔަމަންތެރިކަމުގެ މަތިވެރި ގަހަނާއިންކަމަށާއި، އަދި ސިފައިންނަކީ މީހުންނާއި މެދު ހިތް ހެޔޮކޮށްހިތާ ހިތް މަޑުމޮޅިކަމާއެކު އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދިނުމަށް ތިބޭ ބައެއް ކަމަށް ވިދާޅުވިއެވެ.

63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.