ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާއަކީ އެންމެ ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ އެއް ފަރާތްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ
13 ޖެނުއަރީ 2018 12:33

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާއަކީ އެންމެ ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ އެއް ފަރާތްކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް މިއަދު ގިރިފުށީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތަކެއް ފެނިގެން ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބޯޓުތަކަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައިތިބި ބައެއްކަމަށާ އެމީހުންނާއެކު މުޤާބަލާކުރުމުގައި ދިވެހި ސިފައިން ދައްކާފައިވަނީ ހުށިޔާރުކަމާ ޒިންމާދާރުކަމުގެ ފުރިހަމަ ރީތި މިސާލެއްކަމަށް ވިދާޅުވެލެއްވިއެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިއަދުވެސް އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅުންނަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރައްވާ ކަނޑަށް ގަދަ ވަރުގަދަ ފުލީޓެއްކަން ފާހަގަކުރެއްވެވިއެވެ.

63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.