އައްޑޫ ސިޓީ ހިތަދޫ ގެއެއްްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފި
14 ޖެނުއަރީ 2018 09:22

އައްޑޫ ސިޓީ ހިތަދޫ "އެލުމިނިއަމް" ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯރޓް ރޭ 00:59 ހާއިރު އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއި އެކު، ފަޔަރމަނުންގެ ޓީމެއް ފަޔަރ ވެހިކަލްގައި އެސަރަހައްދަށް ގޮސް ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މިގޮތުން ކުރި މަސައްކަތުން ފަޔަރ އެންޑް ރެސްކިއު ވެހިކަލް ބޭނުންކޮށްގެން ފެން ޖަހައި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ރޭ ދަންވަރު 2:20 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި "އެލުމިނިއަމް" ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މި ގެއަކީ ބަޔަކަށް ކުއްޔަށް ދިނުމަށްޓަކައި ހުސްކޮށްފައި ހުރި ގެއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.