ހަތަރު ގައުމެއްގެ ސިފައިން ބައިވެރިވާ ހަ ވަަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފި
14 ޖެނުއަރީ 2018 03:47

ހަތަރު ގައުމެއްގެ ސިފައިން ބައިވެރިވާ ހަ ވަަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފި އެވެ.

ބައިނަލް އަޤްވާމީ ފެންވަރަށް ހިންގާ މި ކޯސް ފެށުމުގެ ގޮތުން ކޯސްޓްގާޑް ބިލްޑިންގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި ކާނަލް މުޙައްމަދު އިބްރާހީމް ކޯހުގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ.

މިމަހު 14 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގާ މި ކޯހުގައި ޖުމްލަ 16 ސިފައިން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ނުވަ ސިފައިން ވެސް މިކޯހުގައި ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ މި ކޯހުގެ ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ.

ހަ ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަޝާންތު ހާންޑޫ އާއި ސްރިލަންކާ އެމްބަސީއިންނާއި ބަންގްލަދޭޝް އެމްބަސީގެ ބައެއް އިސްވެރިންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.