ސްރީލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
20 ޖެނުއަރީ 2018 10:40

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

"ޖައިވީ 07" ނަމަކަށް ކިޔާ މި ބޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 42 ނޯޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނު މިބޯޓްގައި ސްރީލަންކާގެ ދިދައެއް ނަގާފައި ހުރިއިރު މި ބޯޓުގައި ސްރީލަންކާގެ 6 މަސްވެރިން ތިއްބެއެވެ.

މި މަސް ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގައި ހުންނެވިއެވެ. އެމަނިކުފާނު ކޯސްޓްގާޑް ޝިޕް ހުރަވީގައި ހުންނެވީ މިދިޔަ ބުރާސްފަތި ދުވަހު އުތުރުގެ ރަށްތަކަށް ކޯސްޓްގާޑް ޝިޕް ހުރަވީގައި ފެއްޓެވި ދަތުރުފުޅުގައެވެ.

މިބޯޓް ހއ.އަތޮޅަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ދަނީ ކުރަމުންނެވެ. މި ބޯޓް ހއ.އަތޮޅަށް ގެނެވޭނެ ކަމަށް ލަފާ ކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.