ހ. ޕާކް ސައިޑްގޭގެ އިމާރާތަށް ގެއްލުންތަކެއްވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެއްޖެ
09 ޖޫން 2018 09:01

ހ. ޕާކް ސައިޑްގޭގެ އިމާރާތަށް ގެއްލުންތަކެެއް ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:18 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ ހާދިސާ ހިންގި ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ކާބޯތަކެތީގެ ވިޔަފާރިކުރާ ޝެލްބީންސްގެ ބޭކަރީއެއްގެ ގޮތުގައި ބޭނުންކުރާ މިތަނުގައި ހިނގި މިހާދިސާގައި އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިގޮތުން އިމާރާތުގެ ދޮތުތަކުގައި ހުރި  ބިއްލޫރިތައް ތަޅައިގެންގޮސް އެތެރޭގައި ހުރި ބައެއް މުދާތައް ވަނީ މަގުމައްޗަށް ބުރައިގެންގޮސްފައެވެ.

މިހާދިސާގައި ޒަހަމްވި ދިވެއްސަކާއި ދެ ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު އިތުރު، ޒަހަމްވި ބިދޭސީއެއްގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ ފިހިފައެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާތަނަށް ބެލިބެލުމުން މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްގެންކަމަށްވަނީ ބެލެވިފައެވެ. މި ހާދިސާގެ ތަހުޤީގު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަަނީ ކުރަމުންނެވެ.