ދެ އުޅަނދެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
06 ޖުލައި 2018 02:00

ދެ އުޅަނދެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިގޮތުން މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި 110 ފޫޓްގެ މުދާ އުފުލާ ދޯންޏެއް މ.އަތޮޅު ތުވަރުގެ ދެކުނު ފަރާތު ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ފަތިހު 04:00 ހާއިރު އެވެ. "ލިޓަސް ކެރިއަރ" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު އެދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ މ. އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ފޮނުވާފައެވެ.

ހަތަރު ކޮންޓެއިނާ އަރުވައިގެން ދަތުރުކުރި މި ދޯނިން ހަ ދިވެހީންނާއި ހަތަރު ބިދޭސީންނާއެކު ޖުމްލަ 10 މީހުން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދޯނީގެ ވެރިފަރާތުން އެސަރަހަދަށް ފޮނުވި ދެ އުޅަނދެއްގެ އެހީގައި ދިޔަވަރު ބޮޑުވުމުން އެ ދޯނި ކަފުޖެހުމަށްޓަކައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކަނޑުމަތީގައި މިއަދު ހިނގި ދެ ވަނަ ހާދިސާގައި ވިލިމާލެއިން ފުރައިގެން ލ.މާމެންދޫއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ވަނީ ފަރަށް އަރާފައެވެ. "ފްރެޝް 6" ނަމަކަށް ކިޔާ މިދޯނި ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 06:10 ހާއިރު، މ.މުލަކުގެ ހުޅަނގުން 8 ނޯޓިކަލް މޭލު ދުރުގައި އޮތް އަތޮޅު ތެރޭގެ ފަރަކަށެވެ. މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:54 ހާއިރުއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 114 ނަންބަރު ލޯންޗު ވަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑައިވަރުންނާއެކު އެ ސަރަހަށްދަށް ފޮނުވާފައެވެ.

މިހާދިސާގައި ފަރަށް އެރި 60 ފޫޓްގެ މި ދޯނިން ދިވެއްސަކާއި ދެ ބިދޭސީންނާއެކު ޖުމްލަ ތިން މީހުން ދަތުރު ކުރިއެވެ. ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި މިދޯނި ފަރަށް އެރުމާ ގުޅިގެން ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.