ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަންފޯރުކޮށްދީފި
02 އޮކްޓޯބަރ 2018 18:14

ކ.އަތޮޅު ރިހިވެލި ރިސޯޓް ގެ ދެކުނުން 2.5 ނޯޓިކަލް މޭލު  ބޭރުގައި އޮތް "އީކުއޭޓަރ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 14:00 ހާއިރުއެވެ.  މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑިއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ސަފާރީ އޮތް ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ސަފާރީގެ ފަޅުވެރިންނާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން، ޕަމްޕު ބޭނުންކޮށްގެން ސަފާރީގެ ދިޔަ ހިއްކުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާ ހިނގި އިރު މި ސަފާރީގައި 20 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 12 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ. މި ސަފާރީ ދިޔަވެފައިވަނީ ކަނޑުގަދަވުމުގެ ސަބަބުންނެވެ.

މި ހާދިސާގެ ތެރެއިން ސަފާރީގެ ޕެޓްރޯލް ޕަމްޕް ހިންގާފަ ހުއްޓާ ޕެޓްރޯލް އަޅަން އުޅުނު ސަފާރީގެ ބިދޭސީ ފަޅުވެރިޔަކު ވަނީ ފިހިފައެވެ. މި މީހާ އިތުރު ފަރުވާޔަށް، ސަފަރީގެ ވެރިފަރާތުން ވަނީ މާލެ ގެނެސްފައެވެ. މި ބިދޭސީ މީހާޔަށް މާ ބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

މި ސަފާރީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި ކަފުޖަހައިގެން މާލެ  އަށް ދަނީ މިހާރު ދަތުރުކުރަމުންނެވެ.