ހުދުރަންފުށި ރިސޯޓްގެ މޫދު ކޮޓަރިތަކުގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި
08 އޮކްޓޯބަރ 2018 08:40

މާލެ އަތޮޅު ހުދުރަންފުށި ރިސޯޓްގައި މޫދު ކޮޓަރިތަކުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ ރިޕޯޓް ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން އެ ރިސޯޓަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެފްއާރުއެސްގެ ސިފައިންނާއި ހުދުރަންފުށި ރިސޯޓްގެ ފަޔަރ ސްކޮޑްގެ ސްޓާފުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:30 ހާއިރުއެވެ.

މިހާދިސާގައި އެ ރިސޯޓްގެ ތިން މޫދު ކޮަޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިތުރު ކޮޓަރިއަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަހުގީގުކުރަމުންނެވެ.