ކ.ތުލުސްދޫގައި އެމްއެންޑީއެފް މާލޭ އޭރިއާއިން ހިންގި ނިޔަމި ކަމުގެ ކޯސް ނިންމާލައިފި
26 އޮކްޓޯބަރ 2018 18:36

އެމްއެންޑީއެފް މާލޭ އޭރިއާ އިން ކ.ތުލުސްދޫގައި ހިންގި ނިޔަމި ކަމުގެ ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

2018 އޯގަސްޓް މަހު 14 އިން 17 އަށް ކ. ތުލުސްދޫގައި ހިންގި ނިޔަމި ކަމުގެ ކޯހުގެ ސެޓްފިކެޓް ހަވާލުކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުއްރަޢޫފެވެ. މި ރަސްމިއްޔާތުގައި އެމްއެެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ވަނީ ކޯހުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ތުލުސްދޫގައި ކުރިއަށް ގެންދިޔަ މި ކޯހަކީ ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ،ސީ،ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގި މި ކޯހުގައި، ޖުމުލަ 34 ފަރާތެއް ބައިވެރިވެ، ހުރިހާ ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރައްވާ ސިފައިން ކިޔަވައިދެއްވި މިކޯހުގައި، ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ.

ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުއްރަޢޫފް އާއި މާލޭ އޭރިއާގެ ބައެއް އޮފިސަރުންނާއި ކ.ތުލުސްދޫ ކައުންސިލްގެ އިސް ބޭފުޅުންނާއި، ކޯހުގެ މުދައްރިބުންނާއި ބައިވެރިން، ބައިވެރިވެލެއްވިއެވެ.