މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބާޖެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
02 ނޮވެމްބަރ 2018 11:03

ބ. މާމަޑުއްވަރީން ފުރައިގެން މާލެ ދަތުރުކުރި "ރަމްކޮ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކާއި "ހޯކް" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ސަމަރ އައިލެންޑް މޯލްޑިވްސް ރިސޯރޓް ކައިރިން ހިނގި މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ސަރަހައްދަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ޓީމެއް ވަނީ ގޮސް ހަރަކާތްތެރިވާންފަށާފައެވެ.

23 މީޓަރުގެ ދިގުމިން ހުރި މި ދޯނި ތެޔޮ ބާޖުގައި ޖެހުމުގެ ސަބަބުން ދޯނީގެ ކޮޅު މައްޔާ ފަޅައިގެންގޮސް ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށްގޮސްފައެވެ.

މި އެކްސިޑެންޓް ހިނގިއިރު މި ދޯނީގައި  ތިން ދިވެހިންނާއި އެއް ބިދޭސީއަކު ހުއްޓެވެ. މިމީހުން ވަނީ ތެޔޮ ބާޖަށް ނަގާފައެވެ. މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް މިހާރު ދަނީ ކުރަމުންނެވެ.