ސިފައިންގެ 22 ވަނަ ފޮޓޯ މަޢުރަޒު އދ.މަހިބަދޫގައި ބާއްވައިފި
03 ނޮވެމްބަރ 2018 18:02

ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ބާއްވާ ސިފައިންގެ 22 ވަނަ ފޮޓޯ މަޢުރަޒު، އދ. މަހިބަދޫގައި ބާއްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވުމުގެ ގޮތުން މަހިބަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވާއިސް ވަހީދެވެ.

މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް ހިމެނެއެވެ. ސިފައިންގެ 22 ވަނަ ފޮޓޯ މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 16:00 ން 18:00 އަށެވެ.

ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުއްރައޫފާއި މާލޭ އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި މަހިބަދޫ ރަށު ކައުންސިލްގެ މެންބަރުންނާއި އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ފޮޓޯ މައުރަޒާއެކު އެމްއެންޑީއެފް މާލޭ އޭރިއާއިން ވަނީ އެރަށުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންގޮސްފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރާއި އެކު ފޮޓޯ ނެގުމާއި އެކި ކުޅިވަރު ހަރަކާތްތަކާއި ކޯސްޓްގާޑްގެ އުޅަނދަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މަހިބަދޫގައި ބޭއްވި އެމްއެމްޑީއެފްގެ 22 ވަނަ ފޮޓޯމައުރަޒާއި އެމްއެންޑީއެފް މާލޭ އޭރިއާއިން ކުރިއަށްގެންދިޔަ އާއިލީ ހަވީރު ކުރިއަށްގެންދިއުމުގައި މަހިބަދޫ ކައުންސިލްގެ މެމްބަރުންނާއި ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަން ވަނީ ލިބިފައެވެ.