ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ ޚާއްޞަ ޖަލްސާ ބާއްވައިފި
03 ނޮވެމްބަރ 2018 23:48

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބާއްވާ ޚާއްޞަ ޖަލްސާ މިރޭ ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. އެމަނިކުފާނު ވަނީ ނަޞްރުގެ ދުވަހާ ގުޅޭގޮތުން މި ޖަލްސާގައި ބައިވެރިވި ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވާހަކަފުޅަށްފަހު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ޖަލްސާގައި ނަޞްރުގެ ދުވަހަށް ޚާއްޞަ ކޮށްގެން އެމްއެންޑީއެފުން ނެރޭ އައްޑަނަ މަޖައްލާގެ 24 ވަނަ އަދަދުގެ މަޖައްލާ ވަނީ ނެރެދެއްވާފައެވެ. މި އައްޑަނަ މަޖައްލާ ނެރެދެއްވީ މި ޖަލްސާގެ ޝަރަފުވެރިމެހުމާން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި ނަޞްރުގެ ދުވަހާއި ގުޅޭ ދެ ލަވައެއް ބޭންޑް އެންޑް މިއުޒިކް ވިންގުން ވަނީ ހުށަހަޅައިދީފައެވެ.

މިރޭގެ ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޝަރަފުވެރިކަމާއިއެކު ސިފައިންގެ ޚިދުމަތުން ރިޓަރޔަރ ކުރައްވާފައިވާ އެކި ރޭންކުތަކުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ. މި ޖަލްސާގައި ވަނީ ޚާއްޞަ ދުޢާއެއް ކޮށްފައެވެ.