ތައާރަފް

ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، ޤައުމު ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ބަޔަކު ކޮންމެވެސް ނަމެއްގައި ތިބޭނޭކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ހިޖުރައިން 981 ވަނައަހަރު އައްސުލްޠާނު މުޙަންމަދު ތަކުރުފާނުލްއައުޡަމް ސިރީސަވާދީއްތަ މަހާރަދުން، އާދެ މަޝްހޫރު ބޮޑު ތަކުރުފާނު، ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރައްވައި، ރާއްޖޭގެ ދިފާޢީ ލަޝްކަރެއް އެކުލަވާލެއްވިއެވެ. އެއީ، ހަނގުބޭކަލުންނެވެ. ނަމަވެސް އޭގެ އެތައްސަތޭކަ އަހަރެއްފަހުން، ރާއްޖޭގައި މިހާރު މިދެކޭ ސިފައިން އުފެއްދެވީ، މީލާދީން 1892 އޭޕްރިލް 21 ގައި އޭރު ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާނު އިބްރާހިމް ނޫރައްދީނު ސިރީބަރިކުސަލޯކަ މަހާރަދުންނެވެ. ނުވަތަ ސިފައިންގެ ފުރަތަމަ ބިންގާއެޅުނީ އެރަދުންގެ ރުހުމާލައިގެންނެވެ

މިއުފެދުނު ސިފައިންގެ ތެރޭގައި ހިމެނެނީ 8 ބޭކަލުންނެވެ. އެބޭކަލުންނަކީ، އިސްޙަރަކާތްތެރި ފަހުލަވާނެއްގެ ގޮތުން، ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ އިސްމާޢީލް ދީދީ (ދިވެހިންގެތެރޭގައި މަޝްހޫރު ވެފައިވާ ނަމުން ދަންނަވާނަމަ، މީރުބަޙުރު އިސްމާޢީލް ދީދީ) އާއި އޭނާގެ އަޚު ދޮންމަނިކުގެ ޢަބްދުﷲ ދީދީ އާއި، ރޯނުގޭ އިބްރާހިމްދީދީ އާއި، ރޯނުގޭ މުޙަންމަދުދީދީ އާއި، ކަޅިހަރުގޭ އަޙުމަދު ދީދީ އާއި، ކަޅިހަރުގޭ މުޙަންމަދު ދީދީ އާއި، ދޮންބީނާގޭ ޢަލިދީދީ އާއި، އަދި ހެންވޭރުގޭ ޢަލިދީދީ އެވެ

މި އުފެދުނު ސިފައިންގެ ލަޝްކަރުގެ އަދަދު މަޑުމަޑުން އިތުރުވަމުން ދިޔަނަމަވެސް، ސިފައިން އުފެދުނުތާ 60 އަހަރު ވީއިރުވެސް، ސިފައިންގެ އަދަދު 50 ހަމަނުވާކަމަށްވެއެވެ. ނަމަވެސް، ސިފައިންގެ ހިންމަތާ މިންނަތުން ކުރިއަށްދިއުމުގެ ރޫޙުގައި މަސައްކަތް ކުރަމުން ގޮސް، މިއަދު ސިފައިންގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ވަގުތުންވަގުތަށް ފޯރުވައިދެވޭވަރަށް، ސިފައިންގެ ޢަދަދު ވަނީ އިތުރު ވެގެން ގޮސްފައެވެ. ސަފުތައްވަނީ ރުކުރުވާލެވިފައެވެ

ސިފައިންގެ ޚިދުމަތް ފުޅާވެ، ރާއްޖެ ހަތަރު އޭރިއާއަކަށް ބަހާލައި، ކޮންމެ އޭރިއާއެއްގައި ސިފައިންގެ ހެޑްކްއޯޓަރޒް އެއް މިހާރު ވަނީ ގާއިމު ކުރެވިފައެވެ. މިގޮތުން ބަހާލާފައިވާ ހަތަރު އޭރިއާއަކީ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް މާލެ އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާ އެވެ. އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކްއޯޓަރޒް ހުންނަނީ ޅ.މަޑިވަރުގައެވެ. އެމްއެންޑީއެފް މާލެ އޭރިއާގެ ހެޑްކްއޯޓަރޒް ހުންނަނީ މާލޭގައެވެ. އެމްއެންޑީއެފް ސެންްޓްރަލް އޭރިއާގެ ހެޑްކްއޯޓަރޒް ހުންނަނީ ލ.ކައްދޫގައެވެ. އެމްއެންޑީއެފް ސަދަން އޭރިއާގެ ހެޑްކްއޯޓަރޒް ހުންނަނީ ސ.ގަމުގައެވެ

އޭރިއާތަކުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ކޯސްޓްގާރޑް ސްކޮޑްރަން އަދި ސަރިސް ސަޕޯޓް ކޮމްޕޯނަންޓްގެ އިތުރުން ކޮންމެ އޭރިއާއެއްގައި ޕޯސްޓް ހެލްތު އޮފިސަރެއް ހުރެއެވެ. މިހާރު ރައްޔިތުންނަށް ދެވެމުން ދާ ޚިދުމަތަކީ އޭރިއާތަކުން ރައްޔިތުންނާއި ގުޅިގެން އަދި ރައްޔިތުންނާއި ވަރަށް ގާތުން ދެމުންދާ ޚިދުމަތެކެވެ. މިކަމުގެ ސަަބަބުން ރައްޔިތުންގެ ހިތްތަކުގައި ސިފައިންނަށް އޮތް އިތުބާރު އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ


Video : 4th Indian Ocean Conference...