ޤަވާޢިދާޚިލާފަށް މަސްވެރިކަންކުރަމުންދިޔަ ބޭރުގެ ފަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށަށް ގެނެސްފި

ތާރީޚް: 29-04-2021, 11:00


އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ  ރާއްޖޭގެ އީއީޒެޑް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށް، މީމު އަތޮޅާއި ވާވު އަތޮޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލު އެތެރެއިން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ބޯޓްތައް އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވަމުން ގޮސްފައިވަނީ، ބޯޓްތައް މެދުގައި ވަކި ދުރުމިނެއް ބަހައްޓައިގެންނެވެ. މިހެންކަމުން މި ފަސް ބޯޓް، ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އިއްޔެގެ އިރާކޮޅުއެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމަށްޓަކައި ދަނީ ދަތުރު ކުރަމުންނެވެ. އަދި މާލެ އާދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މިއިން ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ބޯޓްތަކުގެ މައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.