އެފްއާރުއެސްގެ 31 ވަނަ އަހަރީ ހަފުލާ ބާއްވައިފި

ތާރީޚް: 01-05-2021, 21:10


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އަށް 31 އަހަރު ފުރުމުގެ މުނާޞަބަތުގައި، ޚާއްޞަ ހަފުލާއެއް ބާއްވައިފިއެވެ.

މެއި މަހުގެ 1 ވަނަ ދުވަހުރޭ އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަންގައި ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެފްއާރުއެސްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފެވެ. މި ހަފުލާގައި އެފްއާރުއެސްގެ ކޮމަޑާންޓް ވާހަކަފުޅު ދެއްކެވިއެވެ. އަދި، އަހަރީ ދުވަހުގެ މުނާޞަބަތުގައި ކޭކު ފެޅުން ކުރިއަށްދިޔައެވެ.

މި ހަފުލާގައި އެފްއާރުއެސްގައި މަސައްކަތްކުރާ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

އަލިފާން ނިއްވުމުގެ ޚިދުމަތް ރަސްމީކޮށް ވަކި ސެކްޝަނެއްގެ ދަށުން ސިފައިން ދޭން ފެށީ، 1990 ވަނަ އަހަރުއެވެ. ސިފައިންގެ އަލިފާން ނިއްވުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ސިފައިންގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތަށް "ފަޔަރ ސެކްޝަން" ގެ ނަމުގައި ޚާއްޞަ ސެކްޝަނެއް އުފެއްދެވީ 1990 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހުއެވެ.