އެމްއެންޑީއެފް މާލޭ އޭރިއާއިން ކުރިއަށްގެންދިޔަ ޓްރިވިއަރ ޗެލެންޖު ނިންމާލައިފި

ތާރީޚް: 02-05-2021, 21:04


ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެމްއެންޑީއެފް މާލޭ އޭރިއާއިން ކުރިއަށްގެންދާ "ޓްރިވިއަރ ޗެލެންޖު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މާލޭ އޭރިއާގެ "ޓްރިވިއަރ ޗެލެންޖު" ނިންމުމުގެ ގޮތުން އޭޕްރީލް 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަތައް ހާސިލްކުރި ފަރާތްތަކަށް ތައްޓާއި މެޑަލް އަދި އިނާމްތައް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާޞްއެވެ.

އޭޕްރީލް 25 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޗެލެންޖުގައި އެމްއެންޑީއެފް މާލޭ އޭރިއާއަށް ނިސްބަތްވާ ހަ ކޮމްޕޯނަންޓުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ކޯސްޓްގާޑު ސްކޮޑްރަންއާއި، މާލޭ އޭރިއާ ފަޔަރ ޑިޕާޓްމަންޓާއި، މެރިން ޑިޕްލޯއީމަންޓް ޔުނިޓް 1 އާއި، މެރިން ޑިޕްލޯއީމަންޓް ޔުނިޓް 2 ގެ އިތުރުން މެރިން ޑިޕްލޯއީމަންޓް ޔުނިޓް 3 އަދި މެރިން ޑިޕްލޯއީމަންޓް ޔުނިޓް 4 އިން ބައިވެރިވިއެވެ.

ޓްރިވިއަރ ޗެލެންޖަކީ، އެމްއެންޑީއެފް މާލޭ އޭރިއާއިން ކަނޑައަޅާފައިވާ ވަކި ދާއިރާތަކެއްގެ މައްޗަށް ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ މުބާރާތެކެވެ. މި ޗެލެންޖުގައި ސުވާލުކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި މެރިޓައިމް ސްޓަޑީޒް އެންޑް ޖިއޮގްރަފީ، ޤާނޫނާއި ޤަވާޢިދު، މިލިޓަރީ ސްޓަޑީޒް، އާންމު މަޢުލޫމާތު، ދީނީ މަޢުލޫމާތު، ރާއްޖޭގެ ތާރީޚާއި ސިފައިންގެ ތާރީޚް އަދި ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓް ފަދަ ބައިތައް ހިމެނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް ކޯވިޑް-19 ގެ ސަބަބުން މި އަހަރުގެ ޗެލެންޖު ބާއްވާފައިވަނީ އޮންލައިންކޮށެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ހެޑްކްއޯޓާރޒްގައި ޖަޖުން ތިއްބަވައިގެން ކުރިއަށްގެންދިޔަ މި ޗެލެންޖުގައި ބައިވެރިވި ޓީމުތަކުން ސުވާލުތަކަށް ޖަވާބު ދެމުންދިޔައީ އެބަޔަކު ނިސްބަތްވާ މަރުކަޒުތަކުގައި ތިބެގެންނެވެ.

މި ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތުގައި މާލޭ އޭރިއާގެ ކޮމާންޑަރުގެ އިތުރުން އެމްޑީޔޫތަކުގެ އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.