ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 04-05-2021, 11:20


ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު މިއަދު 10:04 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 10:15 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.