ނޫސްބަޔާން

ތާރީޚް: 03-06-2021, 16:35


ސިފައިންގެ މަސްއޫލިއްޔަތާއި، ވާޖިބު އަދާކުރާގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭ

     ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 06 މޭ 2021 ވަނަ ދުވަހުގެ ރޭ ދެވުނު ޓެރަރިސްޓް ހަމަލާޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަވާ އިންކުއަރީއަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ފުރިހަމަޔަށް އެއްބާރުލުންދީ އަދި މަޢްލޫމާތު ޙިއްސާކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

     ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.   

ނަމަވެސް، ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި، އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު؛

ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް، ޤާނޫނު ނަންބަރު 2008/01 (ސިފައިންގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހިނދު؛

އަދި، ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި، އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހިނދު؛

އަދި، ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހިނދު؛

އަދި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢްލޫމާތެއް ޤާނޫނު ނަންބަރު: 2008/01 (ސިފައިންގެ ޤާނޫނު)ގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ހިނދު؛ 

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ޚިލާފް ކަމެކެވެ. އަދި މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަކަށްވާހިނދު؛ 

އަދި، ސިފައިންގެ ޚިދުމަތަކީ ސައްވީސް ގަޑިއިރުގެ ޚިދުމަތަކަށްވެފައި، ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޚިދުމަތަށް ނިކުންނަންޖެހޭ ބައެއްކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތު ކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ޤަވާޢިދު ނަންބަރު: MNDF SR 101 )ސިފައިންގެ ޢާންމު ޤަވާޢިދު(ގައި ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ.

ވީމާ، ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކެމެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.

މި މުއައްސަސާއިން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި، އިސްވެ ބަޔާންކުރެވުނު އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރުމަށް، މި މުއައްސާސާގެ މައްޗަށް ލާޒިމްކުރާ، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއް ނެތްކަން ވެސް ފާހަގަކުރަމެވެ. 

މީގެއިތުރުން، މި މި ނިންމުމަކީ، ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން، ސިފައިންގެ، ލަފާދޭ މަޖިލީހުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ދަންނަވަމެވެ.

03 ޖޫން 2021