ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ތާރީޚް: 03-06-2021, 14:50


ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި އަސްކަރީ ދާއިރާއިން ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ބަންގްލަދޭޝްގައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުންނާއި، ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އޭގެ އިތުރުން، ކޯވިޑް-19 ގެ މި ހާލަތުގައި އެމްއެންޑީއެފް މެޑިކަލް ކޯރއަށް ބަންގްލަދޭޝްގެ އަޝްކަރިއްޔާގެ ފަރާތުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަންގްލަދޭޝް އަޝްކަރިއްޔާގެ ޑޮކްޓަރުންނާއި މެޑިކަލް ޓީމެއް ފޮނުވުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު 5 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރީއާ އަޙްމަދު ދީދީއާ ވެސް ބައްދަލުކުރެއްވިއެވެ. އަދި، ބަންގްލަދޭޝް އަސްކަރިއްޔާގެ ފަރާތުން، އެމްއެންޑީއެފް މެޑިކަލް ކޯރއަށް، ޕީޕީއީ ކިޓްތަކެއް ވެސް މިއަދު ވަނީ ހަދިޔާކުރައްވާފައެވެ.

ބަންގްލަދޭޝްއަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ރާއްޖެއާ ވަރަށް ގާތްގުޅުމެއް ބާއްވާ ޤައުމެކެވެ. މިގޮތުން، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބަންގްލަދޭޝްގެ އެހީ އަސްކަރީ މަނަވަރެއް 100 ޓަނުގެ މުދަލާއެކު ރާއްޖެ ޒިޔާރަތްކުރައްވައި، ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ އިތުރުން ކޯވިޑް-19 އަށް ބޭނުންވާ މެޑިކަލް ސާމާނު ރާއްޖެއަށް ހަދިޔާކުރެއްވުމުގެ އިތުރުން، ބަންގްލަދޭޝް އަސްކަރިއްޔާގެ މެޑިކަލް ޓީމެއް ހަރަކާތްތެރިވަމުންދާއިރު، މި ޕެންޑަމިކާ ގުޅިގެން ބައެއް މެޑިކަލް އާލާތްތަކާއި ވަސީލަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، ޗީފް އޮފް ޑިފެންސް ފޯސްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯރތަކުގެ ކޮމާންޑަރުން އަދި އެމްއެންޑީއެފް ޖޭ ސްޓާފުން ބައިވެރިވެލެއްވިއެވެ.