މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއްގައި ހުރި ހާލު ދެރަވި މީހަކު ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 07-06-2021, 11:00


ސ.ގަން ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ "މީރާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއްގެ އިނގިއްޔަކަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން، އޭނާގެ ހާލުދެރަވެ އަވަސްފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:18 ހާއިރުއެވެ. އޭރު އެ ދޯނި އޮތީ ސ.ގަމުގެ ދެކުނުން 10 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރާށެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެ ދޯނީގެ ފަޅުވެރިއެއް ކަމުގައިވާ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް، ބަލި މީހާ ދޯނިން ނަގައިގެން މިއަދު ހެނދުނު 09:20 ހާއިރު ސ.ފޭދޫއަށް ގެންގޮސްދީފައެވެ. އަދި، އަވަސް ފަރުވާ ދިނުމަށް ސ.ފޭދޫ ޞިއްޙީ މަރުކަޒަށް އެ މީހާ ގެންގޮސް މިހާރު ދަނީ ފަރުވާދޭން ފަށާފައެވެ.