ގިރިފުށީ ޓްރޭނިންގ ސެންޓަރ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެމްއެންޑީއެފްއާއި އެމްޓީސީސީއާ ދެމެދު ސޮއިކުރައްވައިފި

ތާރީޚް: 14-06-2021, 19:00


ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެމްއެންޑީއެފްއާއި އެމްޓީސީސީއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެންޑީއެފްގެ ފަރާތުން، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި، އެމްޓީސީސީގެ ފަރާތުން، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، ކުރިއަށްއޮތް 28 ދުވަހުގެ ތެރޭގައި، މި ޕްރޮޖެކްޓްގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު، ރިޕޯޓެއް އެކުލަވާލަން ޖެހެއެވެ. އަދި، އެ ރިޕޯޓް ލިބޭތާ 14 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން، 145 ދުވަހުގެ ތެރޭގައި އެމްޓީސީސީން ގިރިފުށީގެ 315 މީޓަރުގެ ކަނޑުތޮށި އަޕްގްރޭޑްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގިރިފުށީ ޓްރޭނިންގ ސެންޓަރ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި މިވަނީ، ކުރިން ހެދި ކަނޑުތޮށި ހަލާކުވެ، އެކިފަހަރުމަތިން މަރާމާތުކުރެވުނު ނަމަވެސް އެކަމަށް ދާއިމީ ޙައްލެއް ނުލިބި ވަނިކޮށެވެ. އަދި، ފަހުން ގިރިފުށީގައި އެކަށީގެންވާ ކަނޑުތޮއްޓެއް ލެވިފައި ނުވާތީ، ބަނދަރު ތެރޭ ރާޅު ގަދަވެ އުޅަނދުފަހަރަށް ގެއްލުން ލިބުމާއި، ސިފައިންގެ ތަމްރީނުތަކުގައި ބައެއް ޕްރޮގްރާމްތައް ހިންގުމަށް ގިނަގުނަ ދަތިތަކެއް ދިޔައީ ދިމާވަމުންނެވެ.

މި ޕްރޮޖެކްޓަށް ޢަމަލީ ސިފަ ޖެހިގެންދާން ފެށީ، ގިރިފުށި ފަޔަރިންގ ރޭންޖް އަލުން ބޭނުން ކުރަން ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގިރިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ގިރިފުށި ބަނދަރަށް ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވައި، އެކަމުގެ މުހިއްމުކަން ދެނެވަޑައިގެން، އެ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

އޭގެފަހުން، ގިރިފުށީ ބަނދަރުގެ ކަނޑުތޮށިލުމާ ގުޅޭގޮތުން އެމްޓީސީސީއާއި އެމްއެންޑީއެފްގެ ލީޑަރޝިޕާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ގިރިފުށީ ކަނޑުތޮށީގެ މަސައްކަތް އެމްޓީސީސީން ކުރާގޮތަށް ވަނީ އެއްބަސްވެވިފައެވެ.

ގިރިފުށީ ބަނދަރުގެ އެއްގަމު ތޮށި ފުރަތަމަ ޝީޓްޕައިލް ކުރެވިފައިވަނީ 1998 ވަނަ އަހަރުގައެވެ. އަދި ކޮންކްރީޓް ބީމްގެ މަސައްކަތް ކުރެވިފައިވަނީ 2002 ވަނަ އަހަރުގައެވެ.

ގިރިފުށީ ޓްރޭނިންގ ސެންޓަރ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، މި ޕްރޮޖެކްޓާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލީޑަރޝިޕާއި އެމްޓީސީސީގެ މެނޭޖްމަންޓާއެކު މިއަދު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ އެމްޓީސީސީން އެމްއެންޑީއެފްއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ޕްރޮޖެކްޓްގެ ފައިސާ ދެއަހަރަށް ބަހާލައިގެން ދައްކާގޮތަށް އެއްބަސްވެފައިވާތީ އެމްޓީސީސީއަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި، އެ ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.