މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ފަސް ލޯންޗެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި

ތާރީޚް: 17-06-2021, 08:20


މާލެ ސިޓީ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ފަސް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، ރޯވި އަލިފާން ނިއްވާލައިފިއެވެ.

މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:13 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ސްޓޭބަލް ކުރެވުނީ 06:16 ހާއިރުއެވެ. އަދި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 06:45 ހާއިރުއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަޅުގައި އޮތް ފަސް ލޯންޗަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.