ދަތުރުކުރަމުންދާ ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްދީފި

ތާރީޚް: 28-06-2021, 07:25


އެމެރިކާއިން ފުރައިގެން ޓައިވާނަށް ދަތުރުކުރަމުންދާ ހޮންކޮންގގެ "އެމް.ޓީ - ނިއު މެލޮޑީ" ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ޞިއްޙީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު މިއަދު ސ.ގަމުގެ އިރުން 8 ނޯޓިކަލް މޭލާ ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑު ލޯންޗަށް ނަގާފައެވެ.

ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ މި ފިރިހެން މީހާ އައްޑޫސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 11:27 ހާއިރުއެވެ.