އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް 2021 ގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބައިވެރިވެއްޖެ

ތާރީޚް: 29-06-2021, 14:35


އިންޑިއާ ކަނޑުގައި ހިމެނޭ ޤައުމުތަކުގެ ކަނޑުމަތީ އަސްކަރިއްޔާތަކުން ބައިވެރިވެގެން، މިއަދު ފެށި "އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް 2021" (އައިއޯންސް) ގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބައިވެރިވެއްޖެއެވެ.
 
މިއަދުން ފެށިގެން އަންނަ ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށް ވާޗުއަލްކޮށް ކުރިއަށްދާ މި ސިމްޕޯޒިއަމްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ. އަދި، މި ސިމްޕޯޒިއަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ "އެންވަޔަރެންމެންޓަލް ރިސްކްސް"، މި މަޢުޟޫގައި މެރިޓައިމް ސެކިއުރިޓީ އެކްސްޕާރޓް ޕެނަލިސްޓެއްގެ ގޮތުގައި ކާނަލް މުޙައްމަދު އިބްރާހިމް ސިމްޕޯޒިއަމްގެ ބައިވެރިންނާ މުޚާތަބުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
 
 
މި ސިމްޕޯޒިއަމްއަކީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަން ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިންޑިއާ ކަނޑާ ގުޅިފައިވާ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި މެމްބަރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާތަކުގެ އެންމެ އިސްވެރިން ބައިވެރިވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގޮތްތަކެއް ހޯދުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. މިއަދު ފެށި ސިމްޕޯޒިއަމްއަކީ، އޭގެ ތެރެއިން މި އަހަރު ބާއްވަން ނިންމާފައިވާ ސިމްޕޯޒިއަމްއެވެ.