މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 03-07-2021, 09:39


25 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ  ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް މިއަދު ހެނދުނު 07:11 ހާއިރު ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ގއ. ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުން، ބިންދައިގެން ގޮސްފައިވަނީ "މޯހިރި" ނަމަކަށްކިޔާ 107 ފޫޓްގެ މަސް ދޯންޏެކެވެ. މި ދޯނި ބިންދައިގެން ގޮސްފައި ވަނީ މޫސުމް ގޯސްވުމުގެ ސަބަބުންނެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ދޯނީގެ ވެރިފަރާތް ގުޅިގެން މި ދޯނި، ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގައި ކަފުޖެހައިގެން މި ދޯނި ވަނީ ގއ. ގެމަނަފުއްޓަށް މިއަދު 12:20 ހާއިރު ގެންގޮސްފައެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިިބިފައި ނުވެއެވެ.