ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

ތާރީޚް: 22-07-2021, 20:20


ޏ.ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ރޯވިކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެއެވެ.



މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ޙާދިސާގައި، އަލިފާން ރޯވީ، ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައި ހުންނަ ލަކީސްޓަރގޭގެ ބަދިގޭގައެވެ. ޙާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުނީ، މިއަދު މެންދުރުފަހު 14:35 ހާއިރުއެވެ.

މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އަދި، ފަޔަރމަނުން ދިޔައިރު، އެގޭގެ ބައެއް އަވައްޓެރިންގެ އެހީތެރިކަމާ އެކު ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. މި ޙާދިސާގައި އެގޭގެ ބަދިގޭގައި ހިފައިގެންގުޅޭ ތަކެއްޗަށް ބައެއް ގެއްލުންތައްވެފައި ވީނަމަވެސް، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.