ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 29-07-2021, 08:40


ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

ކުޑަކުދިންގެ ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:03 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަންއަށް ލިބުމާއެކު ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން 06:10 ގައި ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 07:20 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.