ހދ.ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާން ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފި

ތާރީޚް: 29-07-2021, 17:05


ހދ.ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

ތެޔޮ ބައުޒަރުގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު މިއަދު މެންދުރު 11:55 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން 11:59 ގައި ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މެންދުރު 12:10 ހާއިރުއެވެ.

މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޙާދިސާ ހިނގާފައިވަނީ ތެޔޮ ބައުޒަރުން ޓޭންކަށް ތެޔޮ އަޅަމުންދަނިކޮށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ތެޔޮ ބައުޒަރަށް ވަނީ ބޮޑެތި ގެންލުންތައް ލިބިފައެވެ. އަދި މޯލްޑިވެސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ޙާދިސާ އިތުރަށް ބަލަމުންނެވެ.