ސާޖަންޓް ފަސްޓް ކުލާސް ނަޞްރީނާ ޙަސަން ރެހެންދި އެވޯޑް ހާސިލުކުރައްވައިފި

ތާރީޚް: 07-09-2021, 05:20


ދިވެހި ސިފައިންގެ ޚިދުމަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަން، 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހާސިލުކުރައްވައިފިއެވެ. ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަން، ރެހެންދި އެވޯޑް ހާސިލުކުރެއްވީ، އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއިންނެވެ.

އެކަމަށް ޓަކައި މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަންއަށް ރެހެންދި އެވޯޑް ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ. އަދި، ރެހެންދި އެވޯޑް ލިބިލެއްވި ފަރާތްތަކަށް ޙަވާލުކުރައްވާ ބުރޫޖް، ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަންއަށް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙުމަދެވެ.

ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަންއަކީ، 1989 ގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި، އެންމެ ފުރަތަމަ ސިފައިންގެ ތަމްރީނު ފުރިހަމަ ކުރެއްވި އަންހެނުންގެ ތެރޭގައި ހިމެނޭ ކަނބަލެކެވެ. ސިފައިންގޭގައި އަންހެނުންނަށް ދިމާވާ ކަންކަމުގައި މަސައްކަތްކުރުމަށް އެކުލަވާލެވުނު ފުރަތަމަ އަންހެނުންގެ ކޮމިޓީގެ މަސައްކަތުން ފެށިގެން ސިފައިންގޭގެ އެންލިސްޓެޑް ބޯޑުގެ މެންބަރުކަން ކުރައްވަމުން އަންނަ ކަނބަލެކެވެ. ސިފައިންގެ ޚިދުމަތުގައި ކުރައްވާފައިވާ ބުރަ މަސައްކަތުންނާއި އެކިއެކި ކަންކަމުގައި ސިފައިންގެ ތަމްޞީލްކޮށްދެއްވައި  8 މެޑަލާއި 8 ކުލަ ހާޞިލްކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު އަންހެނުންގެ ވޮލީ މުބާރާތުގައާއި ބާސްކެޓް ބޯޅަ މުބާރާތުގައި ވެސް ބައިވެރިވެ ވަޑައިގެން އެކި ވަނަތައް ޙާޞިލްކުރައްވައި، އަންހެނުން ކުޅިވަރުގައި ބައިވެރިކުރުމަށް ހިތްވަރު ދެއްވައި އެ ދާއިރާއަށް އަންހެނުން ނެރެދެއްވާފައިވެއެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ކޯވިޑް 19 ބަލިޖެހިގެން ނިޔާވާ ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންތައް ކުރުމަށް ޖަނާޒާ ޓީމެއް އެކުލަވާލުމުގައި އިސްދައުރެއް އަދާކުރައްވައި، ޢަމަލީ ގޮތުން ހަރަކާތްތެރިވެލައްވާފައިވެއެވެ.

ސާޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަންގެ 32 އަހަރުގެ ޚިދުމަތުން ދިވެހި ސިފައިންގެ ޚިދުމަތުގައި އެކި ރޮނގުތަކުގައި އަންހެނުންނަށް ދެމި ހުރެވޭނެކަން ސާބިތުކޮށްދެއްވައި، މި ދާއިރާއަށް އަންހެނުން ނިކުތުމަށް ވަރަށް ބޮޑަށް ހިތްވަރެއް ދެއްވާފައިވެއެވެ.

ރެހެންދި އެވޯޑް ޙަފުލާއަކީ ޖެންޑާ މިނިސްޓްރީން އިސްނަންގަވައިގެން ރާއްޖޭގެ އެކިދާއިރާތަކުން ޤައުމީ ޚިދުމަތް ކުރައްވަމުންގެންދަވާ އަންހެނުންގެ އަގުވަޒަންކުރުމަށް ޓަކައި ސަރުކާރުން ދެއްވާ އެވޯޑެކެވެ.