ރަދުވާނިޔާގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 08-10-2021, 21:10


ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ ރަދުވާނިޔާގޭގެ 4 ވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބުނީ މިއަދު ހަވީރު 16:54 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެފްއާރުއެސްގެ ފަޔަރމަނުންގެ ޓީމެއްވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. އަދި ފަޔަރމަނުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 17:03 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހާކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. 

އަބަދަށްފަހި މަގުގައި ހުންނަ ރަދުވާނިޔާގެއަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރ 20 ވަނަ ދުވަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ގެއްލުން ލިބުމުގެ ސަބަބުން މީހުން އުޅެން ނުފަށާ ހުސްކޮށް ހުރި ގެއެކެވެ.