ސަފާރީއެއްގެ ނަގިލި ކަހާލާތީވެ، ކޯސްޓްގާޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 16-10-2021, 18:30


މޫސުން ގޯސްވުމާ ގުޅިގެން، ނަގިލި ކަހާލަމުންދިޔަ ސަފާރީއަކަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޫސުން ގޯސްވެ، ކ.މާފުށި ކައިރީ އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓް ލިބިފައިވަނީ މިއަދު 12:35 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމުން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ސަފާރީ އޮތް ސަރަހައްދަށް ގޮސް، އެ ސަފާރީއަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.