ބައިނަލްއަޤްވާމީ ފެންވަރަށް އެމްއެންޑީއެފުން ހިންގި ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ ދަސްވެނިވުން ބާއްވައިފި

ތާރީޚް: 10-11-2021, 17:05


ބައިނަލްއަޤްވާމީ ފެންވަރަށް އެމްއެންޑީއެފުން ހިންގި 9 ވަނަ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ. މި ކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ސިފައިން ވެސް ބައިވެރިވިއެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަރޑީސްއާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގި މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތަށްޓާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޚްމަދު ދީދީއެވެ. ބަންޑާރަކޮށީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި ކޯހުގެ މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގި ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލުކުރީ ކޯޕްރަލް އަޙްމަދު އަޒްމީއެވެ. ފިޓެސްޓް ޑައިވަރުގެ މަޤާމް، ލާންސް ކޯޕްރަލް ޙަސަން ސަމީހު ހާސިލްކުރިއިރު، ކޯހުގެ މެރިޓުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ލާންސް ކޯޕްރަލް އައިހަމް މުޙައްމަދެވެ. ރާއްޖެއިން ބޭރުގެ އަސްކަރިޔާތަކުގެ ސިފައިންގެ ތެރެއިން ބެސްޓް ފޮރިންގ ޑައިވަރުގެ މަޤާމު ހާސިލްކުރީ ނޭޕާލް އަސްކަރިއްޔާއަށް ނިސްބަތްވާ ޕްރައިވެޓް ސަންތޯޝް ބަހަންދަރީއެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މި ކޯހުގައި ޖުމުލަ 25 ބައިވެރިއަކު ވަނީ ދަސްވެނިވެފައެވެ. މި ކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުން، ސްރީލަންކާއާއި، ނޭޕާލް އަދި ބަނގްލަދޭޝް އަސްކަރިއްޔާއިން ޖުމުލަ 7 ސިފައިން ބައިވެރިވިއެވެ.