ތިން ޤައުމުން ގުޅިގެން ހިންގާ އެކްސަސައިޒް ދޯސްތީ ފަށައިފި

ތާރީޚް: 21-11-2021, 03:05


އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑު އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް - ދޯސްތީ" މިއަދު ފަށައިފިއެވެ. މިއީ، މި އެކްސަސައިޒް ބާއްވަން ފެށިތާ 30 އަހަރު ފުރޭ އަހަރެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރުއްގެ ގޮތުގައި މޮރިޝަސްއާއި ސީޝެލްސް އަދި ބަނގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ބައިވެރިވަމުންނެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކްރޮސް ރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވީ، މި އަހަރަކީ، ތިން ޤައުމުން ގުޅިގެން ހިންގާ ޓްރައިލޭޓަރަލް އެކްސަސައިޒް [ދޯސްތީ] ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރު ކަމަށްވާއިރު، މި ތާރީޚީ ވަގުތުކޮޅުގައި ބައިވެރިއަކަށް ވުމަކީ، އެކަމަނާއަށް ލިބިލެއްވި ވަރަށް ބޮޑު އުފާފުޅެއްކަމުގައެވެ. މިފަދަ އެކްސަސައިޒް ތަކުގެ ސަބަބުން، އަވައްޓެރި ޤައުމުތަކާ ދެމެދު އޮތް އެކުވެރިކަމާއި ރަޙުމަތްތެރިކަން ފެނިގެންދާކަން ފާހަގަކުރައްވައި، މި ޖޮއިންޓް އެކްސަސައިޒްތަކާއި، ޓްރޭނިންގތައް ދިވެހި ސިފައިންނާއި، ސެއިލަރުން ދެކެނީ، ވަރަށް ފައިދާހުރި އަދި ވަރަށް ފުރިހަމަ ތަމްރީނުތަކެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ. މިއަދު ފެށިގެން ދިޔަ އެކްސަސައިޒަށް އަލިއަޅުވާލައްވާ  އެކަމަނާ ވަނީ، ދިވެހި އަސްކަރިއްޔާގެ މެރިޓައިމް ފޯސަސްގެ ޤާބިލުކަން ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި އިންޑިޔާއާއި ސްރީލަންކާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޓަކައި، އެ ޤައުމުތަކުގެ ސަރުކާރުތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް، އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރަތަމަ ދުވަހުން ފެށިގެން ވެސް އަވަށްޓެރި ގައުމުތަކާ ގުޅުން އައުކޮށް ބަދަހި ކުރަމުން ގެންދަވާކަން ފާހަގަކުރައްވައި، މިފަދަ އެކްސަސައިޒްގެ ސަބަބުން އަވަށްޓެރި ޤައުމުތަކުގެ މެދުގައި، ގުޅުން އިތުރުވެ، ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް، ތަމްރީނުގެ ތެރެއިން ލިބޭ ހުނަރާއި ޢިލްމުގެ އިތުރުން، ޤައުމުތަކުގެ ސިފައިންނާއި ސެއިލަރުންގެ މެދުގައި އުފެދޭ މުޅި ޢުމުރު ދުވަހު އެކުވެރިކަމުގެ ސިފަތަކަކީ، މި ތަމްރީނުން ހާސިލުވާނެ މުހިންމު ކަމެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިއަދު ފެށިގެންދާ އެކްސަސައިޒަށް އަލިއަޅުއްވާލައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މި ތަމްރީނުތަކުން ފެނިގެންދަނީ 30 އަހަރު ދުވަހުގެ ދިގު ރާސްތާއެއް ކަނޑައްތުކުރެވިފައިވާ މުހިންމު ދަތުރެއް ކަމާއި، 1991 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އެ ތަމްރީނުތަކުގެ ސަބަބުން ވަރުގަދަ ކަނޑުގެ ބާރެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށް ޓަކައި ވޭތުވެދިޔަ 30 އަހަރު ދުވަހު، މި އެކްސަސައިޒަކީ ކާމިޔާބު އެކްސަސައިޒަކަށް ހެއްދެވުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ޤައުމީ އަދި ސަރަޙައްދީ ސަލާމަތަށް މީގެކުރިން ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތައް މިހާރު ފެންނަމުންދާކަން ހަނދާން އައުކުރަން ޖެހޭ ކަމަށާއި، އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދަށް ބަލާލާއިރު ފެންނަމުންދަނީ ބަދަލުވަމުން އަންނަ އިސްތިރާޖީ މާހައުލެއް ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޕައިރެސީއާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި، ހަތިޔާރުގެ ވަގު ވިޔަފާރި ފަދަ ކުށްތަކަކީ ސަލާމަތީގޮތުން މި ސަރަޙައްދުން ފެންނަމުންދާ އަންދާޒާ ނުކުރެވޭ ފަދަ ގޮންޖެހުންތަކެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު ސަލީމާއި، އިންޑިއާ ކޯސްޓްގާޑުގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް ވިރެންދްރާ ސިންގް ޕަތަނިއާއާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް އަނުރާ އެކަނަޔަކީ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެކްސަސައިޒް ދޯސްތީއަށް 30 އަހަރު ފުރިގެން ބާއްވާ ހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު 20 އިން 24 އަށް ރާއްޖޭގައި ބާއްވާ ޓްރައިލެޓްރަލް ޖޮއިންޓް އެކްސަސައިޒް [ދޯސްތީ 15] ގެ ތެރެއިންނެވެ.

އެކްސަސައިޒް ދޯސްތީއަށް 30 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް ރަހީމް ޢަބްދުލް ލަތީފް، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް އަނުރާ އެކަނަޔަކީއާއި އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ އަދި ސްރީލަންކާ ކޯސްޓްގާޑުގެ ސިފައިން ބައިވެރިވިއެވެ.