ތިން ޤައުމުން ބައިވެރިވި ދޯސްތީ ގެ 15 ވަނަ އެކްސަސައިޒް ބާއްވައިފި

ތާރީޚް: 22-11-2021, 13:05


އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ ކޯސްޓްގާޑު އަދި ސްރީލަންކާ ކޯސްޓްގާޑުން ބައިވެރިވި "އެކްސަސައިޒް ދޯސްތީ" ގެ 15 ވަނަ އެކްސަސައިޒް މިއަދު ބާއްވައިފިއެވެ.

ތިން ޤައުމުގެ އަސްކަރީ ގުޅުން ފެނިގެންދާ އެކްސަސައިޒް "ދޯސްތީ" އަކީ، ކޮންމެ ދެ އަހަރަކުން އެއް އަހަރު ހިންގާ އެކްސަސައިޒެކެވެ. މި އެކްސަސައިޒް ކުރިއަށްދާތާ މި އަހަރު މި ވަނީ 30 އަހަރެވެ.

އުސްފަސްގަނޑު ކަނޑުގެ ސަރަޙައްދުގައި މިއަދު ކުރިއަށްދިޔަ އެކްސަސައިޒް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި، އިންޑިއާ ކޯސްޓްގާޑުގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް ވިރެންދްރާ ސިންގް ޕަތަނިއާ އަދި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް އަނުރާ އެކަނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން ޤައުމުގެ ކޯސްޓްގާޑު ބައިވެރިވި މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓްގާޑުން، ކޯސްޓްގާޑު ޝިޕް ޝަޙީދުއަލީއާއި، ކޯސްޓްގާޑު ނޫރައްދީން ލޯންޗާއި، ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، އަދި ފަޔަރ އެންޑް ރެސްކިޔު ލޯންޗުގެ އިތުރުން އެމްއެންޑީއެފް ޑޯނިއަރ މަތިންދާބޯޓު ބައިވެރިވިއެވެ. އެ އުޅަނދުތަކުގެ އިތުރުން އިންޑިއަން ކޯސްޓްގާޑު ޝިޕް ވަޖުރާއާއި، އިންޑިއަން ކޯސްޓްގާޑު ޝިޕް އަޕޫރުވާ، އަދި ސްރީލަންކަން ކޯސްޓްގާޑު ޝިޕް ސުރަކްޝާ ވަނީ ބައިވެރިވެފައެވެ.

މި އެކްސަސައިޒްގައި ތަފާތު އިވެންޓްތަކެއް ކުރިއަށްދިޔައެވެ. މީގެ ތެރެއިން ފުރަތަމަ ދައްކާލާފައިވަނީ، ތިން ޤައުމުން ގުޅިގެން ހިންގި ބޯޑިންގ އޮޕަރޭޝަނެކެވެ. މި ބޯޑިންގް އޮޕަރޭޝަންގައި ދައްކާލާފައިވަނީ، ޕައިރެސީ ހާދިސާއެއް ދިމާވެއްޖެނަމަ އެފަދަ އުޅަނދުތައް ހުއްޓުވައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ކުރިއަށްދިޔަ ތަމްރީނުތަކެކެވެ.

އޭގެއިތުރުން، މި އެކްސަސައިޒްގައި ކެޝުއާލިޓީ އިވެކުއޭޓްކުރާނެ ގޮތް ވެސް ވަނީ ދައްކާލާފައެވެ. މި ހަރަކާތުގައި ލޭންޑިންގ ކްރާފްޓުން ބަލިމީހަކު ވިންޗު ކުރުމަށްފަހު ހެލިކަޕްޓަރަށް ނަގާތަން ވެސް ވަނީ ދައްކާލާފައެވެ. މި ހަރަކާތަށްފަހު ސްރީލަންކަން ކޯސްޓްގާޑު ޝިޕުން އެމަރޖެންސީ ފަޔަރ ފައިޓިންގ ހަރަކާތެއް ދައްކާލިއެވެ .

މި އެކްސަސައިޒްގައި މޫދަށް ވެއްޓިފައި އޮތް މީހަކު ވެޓް ވިންޗިންގް ބޭނުން ކޮށްގެން ހެލިކަޕްޓަރަށް ނަގާތަން ވެސް ވަނީ ދައްކާލިއެވެ. މި ހަރަކާތަށް ފަހު އެކްސަސައިޒްގައި ބައިވެރިވި ހުރިހާ އުޅަނދެއް ކަނޑުމަތީގައި ސްޓީމް ޕާސްޓް ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ކަނޑުމަތީ އުޅަނދުތަކުގެ މި ހަރަކާތް ކުރިޔަށް ދިޔަ ވަގުތު، ވައިގެ މަގުން ދުއްވާ ހުރިހާ އުޅަނދެއް ފްލައި ޕާސްޓް ކުރުމުގެ ހަރަކާތް ވެސް އެކުއެކީ ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާބޯޓު ވަނީ ބައިވެރިވެފައެވެ.

އެކްސަސައިޒް "ދޯސްތީ"ގެ 15 ވަނަ އެކްސަސައިޒް ބައްލަވާލެއްވުމަށް، ބޭރު ޤައުމުތަކުގެ ބައެއް ސަފީރުންނާއި، މަޖިލިސް ބައެއް މެމްބަރުންނާއި، ސަރުކާރު އެކިއެކި ވުޒާރާތަކުގެ އިސް ބޭކަލުންނާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން، އަދި ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުން ބައިވެރިވެލެއްވިއެވެ.